Faseha

Faseha News

ޙައްޤުތަކުގެ ވާހަކަ ދައްކާއިރު ޒިންމާ އަދާކުރަންޖެހޭނެ – ރައީސް

1 min read


މިއީ އެންމެން އަބަދުވެސް ޙައްޤުތަކުގެ ވާހަކަ އާއި ޙައްޤުތައް ނުލިބިގެން ނުވަތަ ޙައްޤެއް ގެއްލިގެން އަޑު އުފުލާ ޒަމާން ކުރަން ކަމަށާއި ނަމަވެސް ތިމާއަށް ލިބެންޖެހޭ ކޮންމެ ޙައްޤަކާ އެކުގައި، ތިމާ އަދާކުރަންޖެހޭ ޒިންމާތަކެއްވެސް ހުންނަކަން ހަނދާން ކުރަން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވީ މިދިޔަ އަހަރުގެ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޞާލިހް ވިދާޅުވީ ދަރިވަރުން މިރޭ ޙާޞިލުކުރާ އެވޯޑްތަކާއި އިނާމުތަކަކީ، ދަރިވަރުންގެ ލޯބިވާ މައިންބަފައިންނާއި ބެލެނިވެރިން އަދި އެކި މަރުޙަލާތަކުގައި ކިޔަވައިދެއްވި މުދައްރިސުންނާއި، ސްކޫލްތަކުގެ ވެރިންގެ މަސައްކަތުގެ ނަތީޖާ ކަމަށެވެ.، އެހެންކަމުން އެ ހުރިހާ ބޭފުޅުންނަށް ދަރިވަރުންގެ ނަމުގައި ޝުކުރުވެރިކަމާއެކު ތަހުނިޔާ ދަންނަވާ ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.
ރައީސް ޞާލިހް ވިދާޅުވީ ސާނަވީ ނިންމި ދަރިވަރުންނަކީ، ތަޢުލީމުގެ މުޅިން އެހެން މަރުޙަލާއަކާ ކުރިމަތިލާން ތިބި ކުދިން ކަމަށާއި މިދިޔަ އަހަރުތަކުގައި އެ ކުދިން އުނގެނުނު ޢިލްމަކީ، ތަޢުލީމީ މަރުޙަލާގެ ބިންގާ ކަމަށެވެ. ފުރިހަމަ މާނައިގެ ތަޢުލީމީ މަރުޙަލާއަކީ، ދެން އޮތް މަރުޙަލާތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“އެއީ، ތިޔަ ކުދިން ޒިންމާދާރު މީހުންނަށް ހަދައިދޭ މަރުޙަލާތައް. އަދި މަސްއޫލިއްޔަތު އުފުލުމާއި ޙަޔާތުގެ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތްތައް، ޢަމަލީގޮތުން ތަޖުރިބާކޮށް، އެކަންކަން ޙައްލުކުރަން ދަސްކުރާނެ މަރުޙަލާވެސްމެ. އެ ތަޖުރިބާތަކާއެކު ކޮންމެ ކުއްޖެއްގެ ކިބައިގައި ވަކި ޝަޚްޞިއްޔަތެއް އުފެދިގެންދާނެ.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަރުޙަލާގައި ކޮންމެ ކުއްޖަކުވެސް ވިސްނަންވީ، ތިމާގެ ކިބައިގައި ހަރުދަނާ ޝަޚްޞިއްޔަތެއް ބިނާކުރުމަށް ކަމަށެވެ. “ޤައުމު ތިމާގެ ޚިދުމަތަށް އެދި ގޮވާފަދަ، ބޭނުންތެރި ޝަޚްޞިއްޔަތަކަށް ވުމަށް. މުޖްތަމަޢަށް ފައިދާހުރި، މުޅި މުޖްތަމަޢު ތިމާއަށް ބޭނުންޖެހޭފަދަ ފަރުދަކަށް ވުމަށް. ޤައުމު ތިޔަ ކުދިންނާމެދު މިއަދު ކުރާ އުންމީދަކީ އެއީ.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަޅުގަނޑުމެން ރައްޔިތުންނަށް ޚިދުމަތްކުރަން ނުކުމެ ތިބެގެން މިކުރާ ކަމަކީވެސް އެއީ ކަމަށެވެ. ސަރުކާރުގެ މުޅި މިސްރާބު އަމާޒު ކޮށްފައި ހުރީ، ރާއްޖެއަށް ބޭނުންވާ މަތީ ފެންވަރުގެ އިންސާނީ ވަސީލަތްތައް ޤާއިމުކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. “ވަކި މަރުޙަލާއެއް ތަފާތުނުކޮށް، ތަޢުލީމުގެ ހުރިހާ ފުރުޞަތުތަކެއް ފަހިކޮށްދެމުން މިއަންނަނީ، އުފެއްދުންތެރި ފަރުދުންތަކެއްގެ މުހިންމުކަން ބޮޑުކަމުން.” ރައީސް ވިދާޅުވިއެވެ.
Source link

Leave a Reply

Copyright © Faseha All rights reserved