Faseha

Faseha Community

ޓެކްސީ އޮންލައިން އެޕްލިކޭޝަން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި

1 min read

ޓެކްސީ ހިދުމަތްދޭނެ އޮންލައިން އެޕްލިކޭޝަނެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ޓްރާންސްޕޯޓް އެތޯރިޓީން އިއުލާންކޮށްފި އެވެ.
ޓްރާންސްޕޯޓް އެތޯރިޓީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެޕްލިކޭޝަން ހެދުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 29 އަދި 30 މޭ 2019 ވާ ބުދަ އަދި ބުރާސްފަތި ދުވަހުގެ 13:00 ގައި އޮތޯރިޓީއަށް ވަޑައިގެން (ހުރަވީ ބިލްޑިންގ ފުރަތަމަ ފަންގިފިލާ) މައުލޫމާތު ސާފު ކުރުން ކުރިއަށްދާނެ ކަމަށެވެ. އަދި 2019 ޖޫން 30 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅަންޖެހޭ ކަމަށް އެ އިއުލާންގައި ބުނެފައިވެއެވެ. ނަމަވެސް އެޕްލިކޭޝަންްގައި ހިމެނެންޖެހޭ ކަންކަމެއް އިއުލާންގައި ބުނެފައެއް ނުވެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ ޓެކްސީ އެޕްލިކޭޝަންގައި ދަތުރު ޚަރަދުތައް އެނގޭނެ ގޮތާއި، ކަސްޓަމަރުންނާއި، ޑްރައިވަރުންނާއި، އަދި އެމިނިސްޓްރީ އަށް ބޭނުންވާ މައުލޫމާތު ހުންނަން ޖެހޭނެ ކަމަށެވެ. އަދި ޓެކްސީ އެޕްލިކޭޝަނެއް ތައާރަފް ކުރުމުގެ ބޭނުމަކީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހިދުމަތް ލިބޭނެ މަގުފަހިކޮށްދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ.
އޭގެއިތުރުން ޓްރާންސްޕޯޓް މިނިސްޓްރީން އަންނަނީ ޓެކްސީ މީޓަރުތައް ތައާރަފް ކުރުމަށްވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން މިނިސްޓްރީން ބުނެފައިވަނީ ޓެކްސީ މީޓަރުތަކުން ނަގާނެ އަގު މިހާރު އެމިނިސްޓްރީން ކަނޑައަޅާ ނިމިފައިވާ ކަމަށެވެ. މޮބައިލް އެޕް ތައާރަފް ކުރެވުމާ އެކު މިހާރު ޓެކްސީތަކަށް ދާ ޚަރަދަށް ވުރެ އަގުހެޔޮ ވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. މޮބައިލް އެޕާއެކު ޓެކްސީތަކަށް ފައިސާ ދޭން ޖެހޭނީ ދަތުރުގެ ދިގުމިނަށް ބަަލައިގެން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
މާލޭގައި އެކަނި ވެސް 1100 އަށް ވުރެ ގިނަ ޓެކްސީ ވަނީ ރެޖިސްޓްރީ ކޮށްފައެވެ.
މާލޭގައި ޓެކްސީ ދަތުރަކަށް ނަގަނީ 25ރ. އެވެ. ނަމަވެސް ސިނަމާލެ ބްރިޖް ހުރަސްކުރުމަށް އެކި ޓެކްސީތަކުން ނަގަމުން ދަނީ އެކި ވަރަށެވެ. އެގޮތުން އާންމު ގޮތެގައި ބްރިޖްގެ ދަތުރަކަށް 100ރ. ނަގައެވެ.

Source link

Copyright © Faseha All rights reserved