Faseha

Faseha News

ސަޕްލިމަންޓްރީ ބަޖެޓާ މެދު އަމަލުކުރާނެ އުސޫލެއް ގަވާއިދަކު ނެތް: ކައުންސެލް ޖެނެރަލް

1 min read


ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ސަޕްލިމަންޓްރީ ބަޖެޓާ މެދު އަމަލު ކުރާނެ ވަކި އުސޫލެއް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައި ނުވާ ކަމަށް ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެއްޖެއެވެ.

މަޖިލީހަށް މިއަދު ހުށަހެޅުނު ސަޕްލިމަންޓްރީ ބަޖެޓާ ބެހޭގޮތުން ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ވާހަކަދައްވަމުން ފިލްޒާ ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ 179 މާއްދާގައި ބަޔާންކޮށްފައިވަނީ އަހަރީ ބަޖެޓާމެދު އަމަލުކުރަންޖެހޭ އުސޫލުކަމަށެވެ. އަދި މީގެ ކުރިން ސަޕްލިމަންޓްރީ ބަޖެޓާ މެދު ވެސް އަމަލު ކުރަމުން އައީ މިއުސޫލަށް ކަމަށް ފިލްޒާ ވިދާޅުވިއެވެ.

ފިލްޒާ ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ ފަރާތުން މިފަހަރު މަޖިލީހަށް ހުށަހަޅާފައިވަނީ ލިޔުމެއްކަމަށެވެ. އަދި އެފަދަ ލިޔުމަކާމެދު މީގެ ކުރިން އަމަލުކޮށްފައިވާ ނުވާ އިރު އަމަލުކުރަންޖެހޭ އުސޫލެއްވެސް ކަނޑައަޅާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބަޖެޓާ މެދު މަޖިލީހުން އާންމުކޮށް އަމަލުކުރާ އުސޫލަކީ ފިނޭންސް މިނިސްޓަރު ވަޑައިގެން ބަޖެޓާ ބެހޭ ތަފްސީލްތައް ދެއްވުމަށް ފަހު ތަޅުމުގައި މެމްބަރުން ބަހުސްކުރެއްވުމެެވެ. އިތުރަށް ދިރާސާކުރަން ބަޖެޓް ކޮމިޓީއަށް ފޮނުވަނީ އެއަށް ފަހުއެވެ.

ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދު ހުށަހެޅުނު ސަޕްލިމަންޓްރީ ބަޖެޓް ސީދާ ކޮމިޓީއަށް ފޮނުވާލައިފައެވެ. ނަޝީދު ވިދާޅުވީ އެކަން އެގޮތަށް ކުރުމަށް ގާނޫނުން މަނާ ނުކުރާކަމަށެވެ.

ބަޖެޓް ދިރާސާކުރުމަށް މިއަދު ބޭއްވި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި، ތަޅުމުގައި ބަހުސް ކުރުމުގެ ފުރުސަތު ލިބެންޖެހޭނަކަމަށް ކޮމިޓީގެ ބައެއް މެންބަރުން ވިދާޅުވިއެވެ. މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވަނީ ރައީސް ނަޝީދު ނިންމުން ރަނގަޅު ނޫން ކަމަށް ވިދާޅުވެ ބަޖެޓް ތަޅުމަށް އެނބުރި ފޮނުވާލުމަށް ވެސް ހުށަހަޅައިފައެވެ.

ނަމަވެސް ކޮމިޓީން ނިންމީ އެކަމުގައި ފުރަތަމަ ކައުންސެލް ޖެނެރަލް ފިލްޒާގެ ލަފައެއް ހޯދުމަށެވެ. ފިލްޒާ ވިދާޅުވީ ގަވާއިދުގައި އެކަމާ މެދު އަމަލު ކުރާނެ ވަކި އުސޫލެއް ކަނޑައަޅާފައި ނުވާތީ ރައީސްގެ ނިންމެވުން ރަނގަޅުކަމަށެވެ.

އަދި ރައީސް އެގޮތަށް ނިންމެވީ އެއީ ބަޖެޓްގެ ކަންކަން ނިންމެން އޮތް އެންމެ ހަލުވި ގޮތް ކަމުގައި ވާތީ ކަމަށް ފިލްޒާ ވިދާޅުވިއެވެ. ފިލްޒާ ވިދާޅުވީ ކޮމިޓީން ދިރާސާ ކުރުމަށް ފަހު ތަޅުމުގައި މެމްބަރުން ބަހުސްކުރުމުގެ އިތުރުން ފިނޭންސް މިނިސްޓަރު ވެސް މަޖިލީހަށް ވަޑައިގަން މައުލޫމާތު ދެއްވާނެކަމަށެވެ.

ފިލްޒާ ވިދާޅުވީ ރައީސް ނަޝީދުގެ ނިންމެވުމަކީ އެންމެ ރަނގަޅު ނިންމެވުން ކަމުގައި ގަބޫލުކުރައްވާ ކަމަށެވެ. މިއަދާއި މާދަމާ މަސައްކަތް ކޮށްގެން ސަޕްލިމެންޓަރީ ބަޖެޓު މާދަމާ ރޭ ފާސް ކުރަން ބޭނުންވެ ވަޑައިގަންނަވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިއަދު ހުށަހެޅުނު 1.7 މިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓާއެކު މިއަހަރުގެ ބަޖެޓްގެ ޖުމްލަ އަދަދު 31.9 ބިލިއަން ރުފިޔާއަށް އަރާނެއެވެ. ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހުނީ، މިއަހަރަށް ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް ހޭދަވާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

ސަޕްލިމެންޓަރީ ބަޖެޓުގެ މަސައްކަތް ކުރަމުން ދާނީ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އެކުވެގެން އުފައްދާ ކޮމިޓީއަކުންނެވެ.


Source link

Copyright © Faseha All rights reserved