Faseha

Faseha News

ސަރުކާރުން މަސައްކަތް ކުރަނީ ސެކިއުލަރ ވިސްނުމަށް ޖާގަ ދިނުމަށް – އިދިކޮޅު

1 min read


ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން އުޅެނީ ރާއްޖޭގައި “ދީނީ ހަރުކަށިކަމޭ” ކިޔައިގެން ދީނީ ދަރުސްތަކުގެ އަޑު މަޑުކޮށް، އެފަދަ ދަރުސްތައް ދޭ ފަރާތްތައްވެސް ހިފާ ހައްޔަރު ކުރުމަށާއި “ސެކިއުލަރ” ވިސްނުމަށް ޖާގަ ދިނުމަށް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން މިހެން ވިދާޅުވީ، މިއަދު ނެރުނު ބަޔާނެއްގައެވެ.
އިދިކޮޅު ކޯލިޝަނުން ވިދާޅުވީ، ނަހަމަ ގޮތުގައި ބާރުގެ ބޭނުންކޮށް، ރައްޔިތުންގެ ޙައްޤުތަކަށް ކިރިޔާ ވެސް އުނިކަމެއް އަންނާނޭ ގޮތަށް ކުރެވޭ މި ބާވަތު ހުރިހާ ޢަމަލަކާ ދެކޮޅަށް މި ކޯލިޝަނުން ތެދުވެ، ރައްޔިތުންގެ އަސާސީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ކުރަންޖެހުނު ކޮންމެ ކަމެއް އަދި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށެވެ.
އަދި ދައުރުގެ ބޭރުން ޖަލްސާ ބާއްވައިގެން، ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް އޮތް އަޣްލަބިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ހިންގަމުން ގެންދާ މި ނާތަޙްޒީބް ޢަމަލާ ދެކޮޅަށް މި ކޯލިޝަނުން ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުމަށް ފަސްނުޖެހޭނެ ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ވެއެވެ.
އިދިކޮޅު ކޯލިޝަނުން ވިދާޅުވީ، ރާއްޖެ އަށް ޑިމޮކްރެސީ ގެނައުމަށް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތަކުގެ ތެރެއިން، އެތަކެއް ރައްޔިތުންގެ މިންނެތް މަސައްކަތާއި ޤުރުބާނީން ގެނެވެނު އެންމެ މުހިންމު ބަދަލަކީ ރައްޔިތުންގެ އަސާސީ އެންމެހާ ޙައްޤުތަކެއް ކަށަވަރުކުރެވިގެންދާނެ ގޮތަށް އެކުލަވާލާފައިވާ ޒަމާނީ ޤާނޫނުއަސާސީއެއް ވުޖޫދަށް ގެނައުމުގެ މަސައްކަތް ކަމަށެވެ.
އަދި މި ޤާނޫނުއަސާސީގެ އެންމެ އަސާސީ ސިފައަކީ މާތްވެގެންވާ އިސްލާމް ދީނުގެ އަސްލަކާ ޚިލާފު ނުވާނޭ ގޮތުގެ މަތިން ވިސްނާ ފިކުރުކުރުމާއި ޚިޔާލު ފާޅުކުރުމުގެ ޙައްޤު އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ދިވެހި ރައްޔިތުންނަށް ލިބިދިނުމުގެ އިތުރަށް، ކުށުގެ ތުހުމަތު ކުރެވޭ ޙާލަތްތަކުގައިވެސް އެ ތުހުމަތު ކުރެވުނު މީހެއްގެ އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދިނުން ކަމަށް އެ ބަޔާނުގައި ވެއެވެ. އަސާސީ ޙައްޤުތައް ހަނިކޮށް، އެ ޙައްޤުތައް ނިގުޅައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަމުންދާ ޤާނޫނުއަސާސީއާ ޚިލާފު މަސައްކަތަކީ މި ކޯލިޝަނުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައި ވެއެވެ.
Source link

Leave a Reply

Copyright © Faseha All rights reserved