Faseha

Faseha Community

ދިވެހި އަންހެނަކު، 11 މަހުގެ އެންމާބަނޑު ދެ ދަރިން “އެއްލާލި” މައްސަލައެއް

1 min read

ސްރީލަންކާ ފިރިހެނަކާއި، ދިވެހި އަންހެނަކު އިނދެގެން ލިބުނު އެއްމާބަނޑު ދެ ކުދިން، ފިރިހެން މީހާ ލަންކާގައި ދިރިއުޅެމުންދާ ގޭގެ ދޮރު މައްޗަށް “އެއްލާލާ”ފައި ދިޔަ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި ކުދިންގެ ބައްޕައަކީ ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އޭނާ ރާއްޖޭގައި ވަޒަންވެރިވެގެން އުޅެމުން އަންނަތާ 15 އަހަރުވެއްޖެއެވެ. އެހެން ނަމަވެސް މިވަގުތު ހުރީ ލަންކާގައެވެ.
ފިރިހެން މީހާ، 2016 ވަނަ އަހަރު މާލެ އަންހެނަކާއި ކައިވެނިކޮށް އޭނާއާށް އެއްމާބަނޑު ދެ ކުދިން ލިބިފައިވާއިރު، އަންހެން މީހާ މިކުދިންގެ ބައްޕައާ، ކުދިން ހަވާލުކޮށްފައި ވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.
ފިރިހެން މީހާ ރާއްޖޭ އަންހެން މީހާއާ ވަރިވީ މިދިޔަ އޭޕްރިލް މަސް ތެރޭގައެވެ. އެހިސާބުން ދެކުދިން، މި ކުދިންގެ ބައްޕައާ ހަވާލުކޮށްފައި ވަނީ، ބައްޕަ ލަންކާއަށް ޗުއްޓީއަށް ގޮސް ހުއްޓާއެވެ.
މި ކުދިންގެ މަންމައާއި އެފިރިހެން މީހާގެ ކައިވެނި ރޫޅިފައިވާއިރު، މި ކުދިން ބައްޕައާ ކުދިން ހަވާލު ކުރުމަށް ކޯޓުން ވަނީ އަންގާފައެވެ. އެއީ އެއަންހެން މީހާ މި ކުދިން ބަލަން ބޭނުން ނުވާ ކަމަށް ބުނުމުންނެވެ. އެހެން ނަމަވެސް މި ކުދިންގެ ބައްޕަ ވަނީ އެ އަންހެން މީހާ ކައިރިން ދުވަސްކޮޅެއް ވަންދެން މި ކުދިން ބަލައިދީ އޭގެ ފަހުން މި ކުދިން އޭނާގެ ގާތަށް ގެންނާނެ ކަމަށް ބުނެފައެވެ. އަދި އެގޮތަށް އެ އަންހެން މީހާ އެއިރު އެއްބަސްވި ކަމަށްވެސް ފިރިހެން މީހާ ބުނެއެވެ.
“އަހަރެން އެންމެ ފުރަތަމަ ކޯޓުގައި ބުނިން މަންމަ ކައިރީގައޭ ކުދިން ބަހައްޓަން ބޭނުންވަނީ، އަޅުގަނޑު ހުރިހާކަމެއްކޮށްދޭނަމޭ. އެކަމަކު އޭނަ އެއްބަސް ނުވޭ. މި އަންހެން މީހާ ކޯޓުގައި ބުނަނީ އޭނާ އެއް ކުދިން ނަގާފައި އަހަރެން އަނެއް ކުއްޖާ ގެންދަން. އެގޮތަށް އަހަރެން ބޭނުން ނޫން ދެ ކުދިން ވަކި ކުރަން އަހަރެން ބޭނުން ނޫން”. މި ކުދިންގެ ބައްޕަ ބުންޏެވެ.
މިގޮތަށް ކަންތައް ނިމިފައި އޮއްވާ އަނެއްކާ އެ އަންހެން މީހާ ވަނީ އެ ކުދިން އޭނާގެ ބެލުމުގެ ދަށަށް ގެންދަން ބޭނުންވެގެން ކޯޓަށް ގޮސްފައެވެ. އޭނާ އެ މައްސަލަ ކޯޓަށް ވެއްދި ނަމަވެސް ފުރަތަމަ އަޑުއެހުމަށް ގޮސްފައެއް ނުވެއެވެ. އަދި ދެވަނަ އަޑުއެހުން ވަނީ ކެންސެލްފައެވެ.
އުމުރުން 11 މަހުގެ މި ކުދިންނާއި މެދު ކަންތައް ކުރި ގޮތް ކިޔާދެމުން މި ކުދިންގެ ބައްޕަ ބުނީ، އޭނާ އެ އަންހެން މީހާ ކައިވެނި ކުރީ މީގެ ދެ އަހަރު ކުރިން ކަމަށެވެ. އަދި އެ ކައިވެންޏަށް ލިބުނީ އެއްމާބަނޑު ދެ ކުދިން ކަމަށާއި، އެ ކައިވެނި ރޫޅުމަށްފަހުވެސް މި ކުދިންނަށް ހަރަދު ކުރަމުން އަންނަ ކަަމަށެވެ.
އަދި އެ ކައިވެނި ރޫޅި މި ކުދިން އޭނާގެ ގާތަށް ގެނައުމަށް ކޯޓުގެ މަރުހަލާތައް ނިންމާފައިވަނިކޮށް، އަނެއްކާވެސް އެ މައްސަލަ ވައްދާ މި ކުދިން އެ އަންހެން މީހާގެ ބެލުމުގެ ދަށަަށް ގެންދިއުމުގެ ކަންކަން ކުރަމުންދަނިކޮށް އެ އަންހެން މީހާ ލަންކާއަށް އައިސް އޭނާ ދިރިއުޅޭ ގޭގެ ދޮރުމައްޗަށް ކުދިން “އެއްލާލުމަށް”ފަހު އެ އަންހެން މީހާ ގޮސްފައިވާކަމަށް މި ކުދިންގެ ބައްޕަ ބުންޏެވެ.
އޭނާ ބުނީ، އެ އަންހެން މީހާ މިކުދިން އެގޭގެ ގޭޓު ކައިރިއަށް އެއްލާލުމަށްފަހު ދިޔައީ މީގެ ތިން ދުވަސް ކުރިން ކަމަށެވެ. އަދި އެއީ މަޢްރިބް ނަމާދާއި އިޝާ ނަމާދާއި ދޭތެރޭގެ ވަގުތެއްގައި ކަމަށާއި، އެ ވަގުތު އޭނާ ހުރީ މިސްކިތުގައި ކަމަށް އޭނާ ބުންޏެވެ. އަދި މި ކުދިންނާއި އެއިރު ހަވާލުވީ އެގޭގައި އުޅުނު މީހެއް ކަމަށެވެ.
“ރޯދަ ވީއްލާ ނިމިގެން ގާތްގަނޑަކަށް 7:15 ހާއިރު އޭނާ މި ކުދިން އެތަނަށް އެއްލާލާފައި ދިޔައީ. މަށަށްވެސް ނާންގާ އެއްވެސް މީހަކަށް ނާންގާ. ކާރުން އައިސް ގޭޓް ކުރިމަތީގައި ހުއްޓުނީ، އެ ގޭޓުގައި ޓަކި ޖަހާފައި އެ ކުދިން ގޭޓް ކުރިމަތީ ބަހައްޓާފައި ދިޔައީ. ދެން އަހަރެން ގެއަށް ރޯދަ ވީއްލަން އައިސް ތިބި ބައެއްގެ ތެރެއިން މީހަކު ގޭޓު ދޮރުހުޅުވާލިއިރު، އަހަރެންގެ ދެ ކުދިން ފެނުނީ. އެ ކުދިން ފެނުމާއެކު އޭނާ ހަޅޭލެވީ. ވަގުތުން ފޮށިތައްވެސް އެތަނަށް ބާލުވާލާފައި ކާރު ހިނގައެއްޖެޔޯ ބުނީ”. އެ ފިރިހެން މީހާ ބުންޏެވެ.
އޭނާ ބުނީ، އެ ކުދިން ބިންމަތީ ބަހައްޓާފައި ހުރިކަން އެނގުމުން ވަރަށް ދެރަވި ކަމަށެވެ.
އެ ފިރިހެން މީހާ ބުނިގޮތުގައި، މި ކުދިން އޭނާއާ ހަވާލު ކުރުމުގެ ކުރިން، މިތަނުން ކުއްޖެއްގެ ބޯ ފަޅައިގެން ގޮސްފައިވާކަމަށް ބުނެ އޭނާގެ އަތުން ފައިސާވެސް ވަނީ އަތުލާފައެވެ. އަދި އިތުރަށް ފައިސާ ހޯދަން މަސައްކަތް ކުރި ނަމަވެސް، މި ކުއްޖާ ޑޮކްޓަރަށް ދެއްކި ކަމުގެ އެއްވެސް ލިއުމެއް އޭނާއަށް ދައްކާފައި ނުވުމުން އެއްވެސް ފައިސާއެއް އިތުރަށް ދީފައިނުވާނެ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ، އެ ފައިސާތައް އެ އަންހެން މީހާ ހޯދީ މިކުދިން ބަލިވެގެން ނޫން ކަމަށެވެ. އެ ފިރިހެން މީހާ ބުނިގޮތުގައި، އެ އަންހެން މީހާއަކީ މާލޭގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އަދި އޭނާއަކީ މާލޭ މީހެކެވެ.

Source link

Copyright © Faseha All rights reserved