Faseha

Faseha News

އޭސީސީގެ މެމްބަރުކަމަށް ޝަކީލް އައްޔަން ކުރައްވައިފި

1 min read


އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް، ދަފްތަރު ނަންބަރު 3654، އިބްރާހީމް ޝަކީލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް މިއަދު ޢައްޔަން ކުރައްވައިފިއެވެ.

އިބްރާހީމް ޝަކީލް އެންމެ ފަހުން ހުންނެވީ ދިރާގުގެ އިންޓަރނަލް އޮޑިޓަރއެއްގެ ގޮތުގައެވެ. އޭގެ ކުރިން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓުގެ އޮފިސަރ އިންޗާޖުގެ މަޤާމާއި ދިރާގާއި އެމްއެމްއޭގެ އެކި މަޤާމުތަކާއި ޔޫއެންޑީޕީގެ އެކި މަޤާމުތައް ފުރުއްވާފައި ވެއެވެ.

އިބްރާހީމް ޝަކީލް ވަނީ ކޮންޕިއުޓަރ ސައިންސްގެ ދާއިރާއިން ލަންކާގެ، އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީން ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ހާޞިލްކުރައްވާފައެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް އިބްރާހީމް ޝަކީލް ޢައްޔަން ކުރެއްވުމުގެ ކުރިން، އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. އިބްރާހީމް ޝަކީލަށް ހުވާ ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފެވެ. މިރަސްމިއްޔާތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އިބްރާހީމް ޝަކީލާ ހަވާލުކުރައްވައިފައެވެ.

ޝަކީލް އެމަގާމަށް އައްޔަން ކުރެއްވިއިރު، އޭސީސީގެ މެމްބަރުކަމަށް އަންޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުންވަނީ ފަސް ބޭފުޅަކަށް ރުހުން ދީފައެވެ. ޝަކީލްގެ އިތުރުން އޭސީސީގެ މެމްބަރުކަމަށް މަޖިލީހުން ރުހުން ދީފައިވަނީ މަރިޔަމް ޝިއުނާ އާއި އޭސީސީގައި ކުރިން މަސައްކަތް ކުރެއްވި ދެ ބޭފުޅުން ކަމަށްވާ ފާތުމަތު އަނޫލާ އާއި އައިޝަތު އަބްދުﷲ އާއި އަލީ އަޝްރަފެވެ.

އޭސީސީގެ މެމްބަރުކަމަށް ޝަކީލް އައްޔަން ކުރެއްވިއިރު، އެކޮމިޝަނުގެ ކުރީގެ ރައީސް ހަސަން ލުތުފީ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ނިންމުމުން، ލުތުފީވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ. އެހެން ކަމުން އޭސީސީގެ ފަސްމެމްބަރުންގެ ތެރެއިން އެއް ޖާގަވަނީ ހުސްވެފައެވެ. އަނެއް ހަތަރު ބޭފުޅުންގެ މަގާމުގެ މުއްދަތު އަދި ހަމައެއް ނުވެއެވެ.


Source link

Copyright © Faseha All rights reserved