Faseha

Faseha News

ކަރަންޓާއި ވައިގެ ދަތުރުފަތުގެ އަގު ހެޔޮކުރުމަށް 59 މިލިއަން ރުފިޔާ ކަނޑައަޅައިފި

1 min read


ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓްގައި ކަރަންޓާއި ވައިގެ ދަތުރުފަތުރުގެ އަގު ހެޔޮ ކުރުމަށް 59.4 މިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.

އެގޮތުން ކަރަންޓުގެ އަގު ހެޔޮ ކުރުމަށްސަރުކާރު ހިއްސާވާ ކުންފުނިތަކަށް 24.4 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމައިފައެވެ. އަދި އެތެރޭގެ ވައިގެ ދަރުރުފަތުރުގެ އަގު 25 އިންސައްތަ ހެޔޮކުރުމަށް އައިލެންޑް އޭވިއޭޝަނަށް 35 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމައިފައެވެ.

ސަޕްލިމަންޓްރީ ބަޖެޓްގައި ސަބްސިޑީގެ ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 189.4 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރެއިން 130 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވަނީ އެމްޑަބްލިއުއެސްސީއަށެވެ.

ބަޖެޓުން ދަރިވަރުންގެ ސްކޮލާޝިޕާއި ލޯން ސްކީމަށް 300 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމަށް 81 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކެޕިޓަލްގެ ގޮތުގައި 350 މިލިއަން ރުފިޔާ ވަނީ ބަޖެޓްގައި ކަނޑައަޅައިފައެވެ. އަދި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކަށް ބޭނުންވާ އިތުރު 94.5 މިލިއަން ރުފިޔާއައި މި އަހަރު ފާސްކުރި ގާނޫނުތަކުން އުފެދުނު އާ މުއައްސަސާތަކުގެ ބަޖެޓަށް 18.7 މިލިއަން ރުފިޔާ ވަނީ ސަޕްލިމެންޓަރީ ބަޖެޓުގައި ކަނޑައަޅާފަ އެވެ.

މިދިޔަ ސަރުކާރުން ހުޅުމާލެ ހޮސްޕިޓަލުގައި ފެށި މަޝްރޫއުތައް ކުރިއަށް ގެންދަން 150 މިލިއަން ރުފިޔާ ހިމަނާފައިވާ އިރު ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ތަރައްގީ ކުރުމަށް 294.5 މިލިއަން ރުފިޔާ ވެސް ބަޖެޓުގައި ހިމަނާފައިވެއެވެ.

އަލަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓްގައި ކުރިން ހިނގާނެކަމަށް ލަފާ ނުކުރާ ކަންކަމަށް ކަނޑައަޅާފައިވާ ކޮންޓިންޖެންސީ ބަޖެޓުގައި ވަނީ 225 މިލިއަން ރުފިޔާ ހިމަނާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަލަށް ހުށަހެޅުނު ސަޕްލިމަންޓްރީ ބަޖެޓްގެ ސަބަބުން ރާއްޖޭގެ އިގްތިސޯދުގެ ދުވެލި އިތުރަށް ހަލުވި ވެގެންދާނެ ކަމަށެވެ.

އަމީރު ވިދާޅުވީ ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހެޅީ ބަޖެޓް ހުސްވެގެން ނޫން ކަމަށާއި މި ބަޖެޓްގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ހީނަރުކަމެއް ނާންނާނެކަމަށެވެ. އަދި ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާ ހޯދަނީ ބޭރުގެ ގައުމުތަކުން ދިނުމަށް އެއްބަސްވެފައިވާ ހިލޭ އެހީގެ ދަށުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ސައުދީ އަރަބިއްޔާއިން ހިލޭ އެހީގެ ގޮތުގައި ދީފައިވާ 716.8 މިލިއަން ރުފިޔާއާއި އިންޑިއާ ސަރުކާރުން ދީފައިވާ 100 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވާ ކަމަށް މިނިސްޓްރު ވިދާޅުވިއެވެ. އަދި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ކަނޑައަޅާފައިވާ 700 މިލިއަން ރުފިޔާ އިން ބަޖެޓުގެ އިތުރު ހަރަދުތައް މެނޭޖު ކުރެވޭނެ ކަމަށް އަމީރު ވިދާޅުވިއެވެ.

މިއަހަރަށް ފާސްކުރި ދައުލަތުގެ ޖުމްލަ ބަޖެޓުގައި ހިމެނެނީ 30.3 ބިލިއަން ރުފިޔާ އެވެ. އިތުރު 1.7 މިލިއަންގެ ސަޕްލިމެންޓަރީ ބަޖެޓާއެކު ޖުމްލަ އަދަދު 31.9 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރަށް ފާސްކުރި ބަޖެޓުން މިހާތަނަށް 14.7 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވާއިރު، ހޭދަތަކަށް ކަނޑައަޅާފައި ވަނީ 27.3 ބިލިއަން ރުފިޔާ އެވެ.


Source link

Copyright © Faseha All rights reserved