Faseha

Faseha News

ބަޖެޓަށް 1.7 ބިލިއަން ރުފިޔާ އިތުރުކުރަން ކޮމިޓީން ފާސްކޮށްފި

1 min read


ދައުލަތުގެ ހަރަދަށް އިތުރަށް ބޭނުންވާ 1.7 ބިލިއަން ރުފިޔާ، ބަޖެޓަށް އިތުރުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން ފާސްކޮށްފިއެވެ.
ބަޖެޓު ދިރާސާ ކުރާ ކޮމިޓީ އިން މިރޭ ބޭއްވި ބައްދަލުވުމުގައި އެގޮތަށް ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލީހުން މި އަހަރަށް 30.2 ބިލިއަން ރުފިޔާގެ ބަޖެޓެއްވަނީ ފާސްކޮށްފައެވެ.
އަދި މަޖިލީހަށް މިއަދު ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓާއެކު މި އަހަރުގެ ދައުލަތުގެ ބަޖެޓް ޖުމްލަ 31.9 ބިލިއަން ރުފިޔާއަށް އިތުރުވެ، ބަޖެޓްގެ ޑެފިސިޓް 4.9 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ.
ސަރުކާރުގެ ފަރާތުން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅުމުގެ ބޭނުމަކީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި ޖަޒީރާރާއްޖެ މެނިފެސްޓޯގައިވާ ކަންކަން ތަންފީޒުކޮށް، ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމަށެވެ.
އަދި ބަޖެޓް ހުށަހެޅީ މިއަހަރަށް ފާސްކުރި ބަޖެޓް ހުސްވެގެން ނޫން ކަމަށާއި ޖުލައި މަހުގެ ނިޔަލަށް ބަޖެޓުން ހަރަދު ކުރެވިފައިވަނީ ފާސްކުރި މިންވަރުގެ 50 ޕަސެންޓް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން މިހަތަނަށް މިއަހަރުގެ ބަޖެޓުން 15.5 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި އާމްދަނީގެ ގޮތުގައި 14.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓަށް 1.7 ބިލިއަން ރުފިޔާ އިތުރު ކުރަން ކޮމިޓީން މިރޭ ފާސްކުރިއިރު، މާދަމާ ބާއްވާ ރައްޔިތުން މަޖިލީހުގެ ޖަލްސާގެ ތަޅުމަށް ކޮމިޓީގެ ރިޕޯޓް ހުށަހަޅައި އެއަށް ބަސް ކުރާނެއެވެ.
އަދި މާދަމާ ރޭ ބަޖެޓް ފާސްކުރުމަށް ނިންމާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.
Source Link

Copyright © Faseha All rights reserved