Faseha

Faseha News

ރޮނާލްޑޯ އާއެކު ”ޑިނާ ޑޭޓް” އަކަށް ދާން މެސީ ހުރީ ތައްޔާރަށް

1 min read


ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނެލް މެސީ އަކީ 2008 އަށްވަނަ އަހަރުން ފެށިގެން ދުނިޔޭގެ ފުޓްބޯޅައިގެ ރަސްކަން ކުރަމުން އަންނަ ދެ ކުޅުންތެރިންނެވެ.
މީގެ ބާރަ ވަރަކަށް އަހަރު ކުރިން ފެށިގެން އައި ރޮނާލްޑޯ-މެސީގެ ވާދަވެރިކަން ފެށުނު ފަހުން މެދުކެނޑުމެއް ނެތި މިދެ ކުޅުންތެރިން އަންނަނީ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ފިޔަ ޖަހަމުންނެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމަށް ދޭ ބެލޮންޑިއޯ އެވޯޑް ޖުމްލަ ދިހަ ފަހަރު ހޯދާފައިވާ ރޮނާލްޑޯ އާއި މެސީ އަންނަނީ މިއަދާ ހަމައަށްވެސް ކްލަބް ލެވެލް ގައްޔާއި ގައުމީ ފެންވަރުގައި ރެކޯޑުތައް ގާއިމްކޮށް ދުނިޔޭގެ އެކިކަންކޮޅުތަކުން ފުޓްބޯޅަ ސަޕޯޓަރުންގެ ހިތްތަކުގައި ލޯބި ޖައްސަމުންނެވެ.
ރޮނާލްޑޯ-މެސީގެ ވާދަވެރިކަމަށް އެތައް އަހަރެއް ވެފައި ވީނަމަވެސް މި ދެކުޅުންތެރިންނަކީ އެހާ ރަޙުމަތްތެރި ދެމީހުންނެއް ނޫނެވެ. ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި ބާރަ އަހަރަށްވުރެ ގިނަ ދުވަހު ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ކޮނޑާއި ކޮނޑު ޖައްސަމުން އަންނަ ރޮނާލްޑޯ އާއި މެސީ އާއި ދެެމެދު ރަހުމަތްތެރިކަމުގެ ގާތް ގުޅުމެއް ނޯންނަނީ މި ދެކުޅުންތެރިންގެ ދެމުގައި ފެށުނީއްސުރެ އޮތް ވާދަވެރިކަމުގެ ސަބަބުންނެވެ. މިހާރު ޔުވެންޓަސް އަށް ކުޅެމުން އަންނަ ރޮނާލްޑޯ ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅުނު އިރު ދަނޑުމަތިން ބާސާގެ މެސީ އާއި ދިމާވި ނަމަވެސް ފަހަކަށް އައިސް މި ދެކުޅުންތެރިން ދިމާވަނީ ގިނަ ފަހަރަށް އެވޯޑު ހަފްލާތަކުންނެވެ.
މީގެ ދެ ހަފުތާ ވަރަކަށް ކުރިން އިޓަލީގެ މިލާންގައި ބޭއްވި ޔުއެފާ އެވޯޑު ނައިޓުގައި، ހަފްލާގެ ހޮސްޓް ވަނީ ރޮނާލްޑޯ އާއި މެސީގެ ކުޑަ އިންޓަވިއުއެއް ކޮށްފަ އެވެ. މީޑިއާގެ ސަމާލުކަން ހޯދި މި އިންޓަވިއުގައި މެސީއާއި ބެހޭގޮތުން ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ މެސީ އާއި ދެމެދު އޮންނަ ގުޅުމަކީ ވަރަށް ވެސް ޕްރޮފެޝަނަލް ގުޅުމެއް ކަމަށާއި ރަހުމަތްތެރިންހެން ވާހަކަ ނުދެއްކި ކަމުގައިވިޔަސް ކޮންމެވެސް ދުވަހަކުން މެސީ އާއީ ވަކިން ބައްދަލުވެ ”ޑިނާ ޑޭޓް ” އަކަށް ދިއުމުގެ އުއްމީދުކުރާ ކަމަށެވެ.
ރޮނާލްޑޯގެ ވާހަކަ އަށް މެސީ ވަނީ ދާދި ފަހުން ޖަވާބު ވެސް ދީފަ އެވެ. ރިޕޯޓަރަކު ކުރި ސުވާލަކަށް ޖަވާބުދެމުން މެސީ ބުނީ ރޮނާލްޑޯ އަކީ ރަހުމަތްތެރިއެއް ނޫން ކަމަށާއި ނަމަވެސް ރޮނާލްޑޯގެ ފަރާތުން ”ޑިނާ ” އަކަށް ދާން ދައުވަތެއް ލިބިއްޖެ ނަމަ އުފަލާއެކު ދައުވަތު ގަބޫލުކުރާނެ ކަމަށެވެ.
” ރޮނާލްޑޮ އާއި އަހަރެން ރަހުމަތްތެރިއެއް ނޫން. މިބުނީ އަހަރެން އޭނަ ދެކެ ރުޅިއަންނަ ވާހަކަ އެއް ނޫން. އަހަރެމެންގެ ދެމެދުގައި އޮންނަ ވާދަވެރިކަން އެއީ މުޅިން އެހެން ކަމެއް. އަހަރެމެން ދެމީހުން ދިމާވޭ އެވޯޑު ހަފުލާތަކުންވެސް. ނަމަވެސް ކުރިއަށްއޮތްތާގައި ރޮނާލްޑޯގެ ފަރާތުން އެކަހަލަ ދައުވަތެއް ލިބިއްޖެނަމަ އަހަރެން އުފަލާއެކު އެކަން ގަބޫލުކުރާނަން، ” މެސީ ބުންޏެވެ. ހަމަ ގައިމުވެސް މެސީ އާއި ރޮނާލްޑޯ އެއް މޭޒަކުން ކެއުމަކަށް އިންސާފުކުރާތަން ފެނިގެންދިއުމަކީ ފުޓްބޯޅަ ސަޕޯޓަރުން ދެކިލަން ވަރަށް ބޭނުންވާނެ ދުވަހެކެވެ. ދުނިޔެ ދުށް އެންމެ މޮޅު ދެ ފުޓްބޯޅަ ކުޅުންތެރިން ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ މެސީ އަދި ރޮނާލްޑޯ އެދެމީހުންގެ ކެރިއަރުގެ ފަހު އަހަރުތައް ގުނަމުން އަންނަ ނަމަވެސް އެ ދެކުޅުންތެރިންގެ ކުޅުމަކަށް އަދިވެސް ބަދަލެއް ނާދެ އެވެ. ނިމިގެންދިޔަ ސީޒަންގައި މެސީ 50 އަށްވުރެ ގިނަ ލަނޑު ޖަހައި ލަލީގާ އާއި ސްޕެނިޝް ސުޕާކަޕް އުފުލާލި އިރު ރޮނާލްޑޯ ވަނީ 30 އަށްވުރެ ގިނަ ލަނޑު ޖަހައި އިޓާލިއަން ސެރިއާގެ އިތުރުން ސުޕާކަޕާއި ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ.
Source link

Leave a Reply

Copyright © Faseha All rights reserved