Faseha

Faseha Community

ރައުދާގެ މަރުގެ ފައިނަލް ރިޕޯޓްގައި ކުރިން ނޭނގޭ މައުލޫމާތުތަކެއް ހާމަކޮށްފި

1 min read

ބަންގްލަދޭޝްގައި ކިޔަވަން ހުއްޓާ މަރުވި ދިވެހި ދަރިވަރު ރައުދާ އާތިފްގެ މަރާއި ގުޅޭ ގޮތުން ބަންގްލަދޭޝް ފުލުހުން ކުރިއަށް ގެންދިޔަ ތަޙްޤީޤުގެ ފައިނަލް ރިޕޯޓް މިއަދު ރާޖްޝާހީގެ ކޯޓަށް ހުށަހަޅައިފިއެވެ.
ރައުދާގެ މަރުގެ ތަޙްޤީޤަށް ފާހަގަ ކުރެވުނު ކަންތައްތައް ހިމެނޭ ރިޕޯޓް ކޯޓަށް ހުށަހެޅުމަށް ފަހު ފުލުހުންގެ އިނިސްޕެކްޓަރ ސައިދުރް ރަހުމާން މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައުދާ މަރުވީ އަމިއްލަ އަށް ދަންޖެހިގެން ކަމަށް ފުލުހުންގެ ތަޙްޤީޤަށް ސާބިތުވާ ކަމަށެވެ.
ރައުދާ މަރުވާން ދިމާވި ސަބަބަކީ ރައުދާގެ ލޯބިވެރިޔާ ރައުދާ އަށް ބޭވަފާތެރިވުން ކަމަށް ވެސް ތަޙްޤީޤަށް ލިބުނު ހެކިތަކުގެ މައްޗަށް ބިނާކޮށް ފައިނަލް ރިޕޯޓްގައި ބުނެފައި ވެއެވެ.
ރިޕޯޓްގައި ބުނެފައި ވަނީ ރައުދާ މަރުވުމުގެ ގަޑިއެއްހާއިރު ކުރިން އޭނާގެ ލޯބިވެރިޔާ އަށް “ވަޓްސްއެޕް” އިން މެސެޖެއް ފޮނުވާފައި ވެއެވެ. އެމެސެޖްގައި ރައުދާ ބުނެފައި ވަނީ “އަހަރެން މަރާލީ ކަލޭ” ކަމަށެވެ.
ރިޕޯޓްގައި ބުނެފައި ވަނީ ރައުދާގެ ލޯބިވެރިޔަކީ ދިވެއްސެއް ކަމަށްވާ ޝާހީ ޣަނީ ކަމަށެވެ. ޝާހީ މިހާރު ގެންދަނީ އިނގިރޭސިވިލާތުގެ ލަންޑަންގައި ތައުލީމް ހާސިލް ކުރަމުން ކަމަށް ވެސް ރިޕޯޓްގައި ވެއެވެ.
ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ރައުދާ އާއި ޝާހީ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ހަތަރު މަހެއްހާ ދުވަހު އެވެ. އެދެމީހުން ވަނީ އިންޑިއާގައި ދެހަފްތާއެއްހާ ދުވަހު އެކުގައި އުޅެފައި ކަމަށް ރައުދާގެ ފޯނާއި ލެޕްޓޮޕްގެ މައުލޫމާތުތައް ވެސް ދިރާސާ ކޮށްގެން ކުރިއަށް ގެންދިޔަ ތަޙްޤީޤު ރިޕޯޓްގައި ވެއެވެ.
ރިޕޯޓް ބުނާ ގޮތުން ތަޙްޤީޤުގައި ފުލުހުން ވަނީ ރައުދާ އާއި ޝާހީ ވަޓްސްއެޕް އާއި ފޭސްބުކް އިން ދައްކާފައި ހުރި ވާހަކަތައް ހިމެނޭ 17000 ޞަފްހާގެ މެސެޖް ދިރާސާ ކޮށްފައެވެ.
ރިޕޯޓް ބުނާ ގޮތުން ރައުދާ މަރުވި ރޭ ރައުދާ އަށް ވަނީ ޝާހީ އޭނާ އަށް ބޭވަފާތެރިވަމުންދާ ކަން އެނގިފައެވެ. އެކަން ރައުދާ އަށް އެނގުނީ ފޭސްބުކް މެސެޖްތަކެއް ފެނިގެންނެވެ.
ރައުދާގެ ކޮޓަރިން ފުލުހުންނަށް ވަނީ މީދާ މެރުމަށް ބޭނުން ކުރާ ބޭހެއް ވެސް ފެނިފައެވެ. ނަމަވެސް ރައުދާ އެބޭސް ބޭނުން ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
މަރުވި ރޭ ރައުދާ ޝާހީ އަށް ކުރި އެއް މެސެޖްގައި ބުނެފައި ވަނީ “އަހަރެން ހަމައެކަނި ލޯބިވީ ޝާހީ ދެކެ. އެކަމަކު ޝާހީ އަހަރެންދެކެ ލޯތްބެއް ނުވި. ތިއީ ވަރަށް ނުލަފާ މީހެއް. އަހަރެންނަށް ވަރަށް ބޮޑު ހިތާމައެއް ދީފިން. އަހަރެންގެ ހަޔާތުގައި ދެން ބާކީ އެއްވެސް އެއްޗެއް ނެތް. މިއަދު އަހަރެން އެއްވެސް އަގެއް ނެތް މީހަކަށް ވެއްޖެ. އަހަރެންނަށް މިހާރު ވެސް އިހްސާސް ކުރެވެނީ އަހަރެން މަރުވެއްޖެ ކަމަށް.”
ރައުދާ މަރުވީ ލޯބިވެރިޔާ ބޭވަފާތެރިވުމުން ކަމަށް ބަންގްލަދޭޝް ފުލުހުން ނިންމި ނަމަވެސް މިމައްސަލައިގައި ރައުދާގެ ލޯބިވެރިޔާ އާއި ފުލުހުން ސުވާލުކޮށް އޭނާގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައެއް ނުވެއެވެ. އެއީ އޭނާ އަކީ ބަންގްލަދޭޝްގެ ރައްޔިތަކަށް ނުވާތީ އާއި އޭނާ ބަންގްލަދޭޝްގައި ދިރިވެސް ނޫޅޭތީއެވެ.
ރައުދާ އާއި އެކު ކިޔަވަން އުޅުނު ކުއްޖެއްގެ މައްޗަށް ރައުދާގެ ބައްޕަ ޑރ.އާތިފް ތުހުމަތުތަކެއް ކުރި ނަމަވެސް ބަންގްލަދޭޝް ފުލުހުން ތައްޔާރު ކުރި ރިޕޯޓްގައި ބުނީ އެއަންހެން ކުއްޖާގެ އެއްވެސް ކުށެއް ނެތް ކަމަށާއި އޭނާގެ މައްޗަށް ތުހުމަތެއް ކުރެވޭ ވަރުގެ ހެއްކެތް ފެންނަން ނެތް ކަމަށެވެ. ރައުދާގެ މަރާއި ގުޅިގެން ތައްޔާރު ކުރި ރިޕޯޓް ކޯޓަށް ހުށަހަޅާފައި ވާއިރު ވަރަށް އަވަހަށް މިމައްސަލައިގައި ޝަރީޢަތުގެ އަޑުއެހުމެއް ބާއްވާނެ ކަމަށް ބެލެވެއެވެ. ދެން މައްސަލަ ކުރިއަށް ދާނެ ގޮތެއް އެނގޭނީ ޝަރީއަތުގެ އަޑުއެހުމަށް ފަހުއެވެ.

Source link

Copyright © Faseha All rights reserved