Faseha

Faseha News

ރަހިމުގެ ދޮރުގެ ކެންސަރު

1 min read

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ނުވަތަ “ސާރވިކަލް ކެންސަރަ”ކީ ރަހިމުގެ ދޮރުގެ ސެލްތަކަށް އަންނަ ބަދަލަކުންޖެހޭ ކެންސަރެކެވެ. ދިވެހިރާއްޖޭގައި އާންމުކޮށް ފެންނަ 10 ބާވަތުގެ ކެންސަރުގެ ތެރޭގައި ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ހިމެނެއެވެ. މިއީ ކޮންމެ އަންހެނަކަށް ވެސް ޖެހިދާނެ ކެންސަރެކެވެ.
ރަހިމުގެ ދޮރުގެ ކެންސަރަކީ ރަހިމުގެ ކަރަށް ނުވަތަ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރެވެ. އަންހެނުންގެ ދަރިމައިވުމުގެ ނިޒާމް ނުވަތަނަސްލު އުފައްދާ ނިޒާމަށް ޖެހޭކެންސަރުގެ ދެބައިކުޅަ އެއްބައި ކެންސަރު ޖެހެނީ މިގުނަވަނަށެވެ. މިއީ މުޅި ދުނިޔެއަށް ބަލާއިރު އަންހެނުންނަށް ޖެހޭ ކެންސަރުގެ ވައްތަރުގެ ތެރެއިން ދެވަނަ އަށް އެންމެ އާންމު ވައްތަރެވެ. މިއީ ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ކެންސަރު ޖެހިގެން އަންހެނުން މަރުވުމަށް ދިމާވާ އެންމެ އާންމު ސަބަބުވެސް މެއެވެ.
ރަހިމުގެ ދޮރުގެ ކެންސަރު ޖެހެނީ އެހިސާބުގައި ހުންނަ ސެލްތަކަށް ބަދަލުތަކެއް އައިސް ދުވަސްތަކެއް ވަންދެން ހުރުމަށް ފަހުގައެވެ. މިވައްތަރުގެ ކެންސަރު ޖެހޭ މީހުންނަށް އޭގެ އަސަރު ފެންނަނީ ބަލި ޖެހުމަށްފަހު ގިނަ ދުވަސްވެ، ރަހިމުގެ ބޮޑު ބަޔަކަށާއި އަދި އެހެނިހެން ގުނަވަންތަކަށް ބަލީގެ އަސަރު ފޯރާ ފަހުންނެވެ.
ރަހިމުގެ ދޮރުގެ ކެންސަރު ގިނައިން ޖެހެނީ އުމުރުން 30 އަހަރުން މަތީގެ އަންހެނުންނަށެވެ. މިއީ އަންހެނުންނަށް އެންމެގިނައިން ޖެހޭ ކެންސަރެވެ. އެހެންކަމުން ކުރިއަރާފައިވާ ގައުމުތަކުގައި އުމުރުން 30 އަހަރުން މަތީގެ އަންހެނުންނަށް ގަވާއިދުން ޕެޕްސްމިއަރ ޓެސްޓްހެދުމަށް އިސްކަން ދެއެވެ.މިކަމުގެ ސަބަބުން ބަލީގެ ކުރީކޮޅު ފަރުވާ ފެށި ބަލި ފަސޭހަވުމުގެ ފުރުޞަތު ބޮޑުވެއެވެ.
ރަހިމުގެ ދޮރަށްޖެހޭ ކެންސަރުގެ ބާވަތްތައް އަދި މަރުހަލާތައް
ރަހިމުގެ ދޮރަށްޖެހޭ ކެންސަރުގެ ދެބާވަތެއް ހުރެއެވެ. އެއީ :-
(ހ) ސްކްއޭމަސް ސެލް ކެންސަރު
(ށ) އެޑިނޯކާސިނޯމާ
ރަހިމުގެ ދޮރަށްޖެހޭ ކެންސަރުގެ މަރުހަލާތައް ބެހިފައިވާގޮތް ތިރީގައި މިވަނީ އެވެ.
މަރުހަލާ 0: ކާސިނޯމާ – އިން – ސިޓޫ: ސެލްތަކުގެ ވަކި ހިސާބަކަށް އަސަރުކޮށްފައިވުމެވެ. ނުވަތަ ބައެއް ސެލްތަކަށް ކެންސަރާއި ގުޅިގެން އަންނަ ބަދަލުތައް އައިސްފައިވުމެވެ.
މަރުހަލާ 1: ހަމައެކަނި ރަހިމުގެ ދޮރަށް އަސަރުކޮށްފައިހުރުން
މަރުހަލާ 2: ރަހިމުގެ ދޮރުން ބޭރަށް އަސަރުކޮށްފައި ވުމާއެކު، ކުރިމަތި ފަރާތުގެ ތިރީގެ ބޮޑުބަޔަކަށް (3 ބައިކުޅަ 2ބައި) އަސަރުކޮށްފައިވުން
މަރުހަލާ 3: ކުރިމަތި ފަރާތަށް އެއްކޮށް އަސަރުކޮށްފައިވުމާއެކު، ދަށްބަނޑަށް އަސަރުކޮށްފައިވުން ނުވަތަ ކުޑަކަމުދާ ނިޒާމުގެ ބައެއް މައްސަލަތައް (މިސާލަކަށް ގުރުދާ އިން މަސާނާއަށް ދާހޮޅި(ގުރުތާ) ދުޅަވުން) ދިމާވުން
މަރުހަލާ 4: ރަހިމުގެ ވަށައިގެންވާ ސަރަހައްދަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވުން ނުވަތަ ދުރު ހިސާބަށް ފެތުރިފައިވުން
ރަހިމުގެ ދޮރަށް ކެންސަރު ޖެހުމަށް ފުރުޞަތު ބޮޑުވާ ސަބަބުތައް
ހިއުމަން ޕެޕިލޯމާ ވައިރަސްގެ ސަބަބުންޖެހޭ ޖިންސީ ގުޅުމުން އަރާ ބައްޔެއް ކަމުގައިވާ ޖެނިޓަލް ވޯރޓްސް ހުރުން
ޖިންސީ ގުޅުމުން އަރާ ބައްޔެއް ކަމުގައިވާ ހާރޕީޒް ސިމްޕްލެކްސް ޓައިޕް 2 ޖެހިފައިވުން
ޖިންސީ ގުޅުމުން އަރާ ބައްޔެއް ކަމުގައިވާ އޭޑްސް ބަލި ޖެހުން
ދުންފަތުގެ އިސްތިއުމާލުކުރުން
ދުންފަތުގެ ދުމަށް ހުށަހެޅުން
ސާފުތާހިރުކަން ކުޑަވުން
ޅައުމުރުގައި ޖިންސީގުޅުން ހިންގަން ފެށުން (18 އަހަރުން ދަށުގައި ނުވަތަ 16 އަހަރުވުމުގެ ކުރިން)
އުމުރުން 17 އަހަރު ފުރުމުގެ ކުރިން ފުރަތަމަ ދަރިފުޅު ލިބުން (ޅައުމުރުގައި ކައިވެނިކުރުން)
ގިނަ ކުދިން ވިހެއުން
ގިނަ ބަޔަކާއެކު ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުން: ހަށިވިއްކާ މީހުންނަށް މިބަލި ޖެހުމުގެ ފުރުޞަތު ބޮޑެވެ.
ގިނަ ބަޔަކާއެކު ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގާ މީހަކު ބައިވެރިއެއްގެ ގޮތުގައި އިޚްތިޔާރުކުރުން
އަންހެނުންގެ ދަރިމައިވުމުގެ ނިޒާމަށް އާންމުކޮށްޖެހޭ އިންފެކްޝަންތައް އަވަސް އަވަހަށް ޖެހުން
ރަހިމުގެ ދޮރަށްޖެހޭ ކެންސަރުގެ އަލާމާތްތައް
ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ބަލީގެ އަލާމާތްތައް ނުފެނި އެތައް އަހަރެއްވުމަކީ އެކަށީގެންވާ ކަމެކެވެ. ގިނަ ފަހަރަށް މިބަލީގެ އެއްވެސް އަލާމާތެއް ނުފެނި ހުރެދާނެ އެވެ. ނަމަވެސް ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-
ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުން: މިސާލަކަށް އިއްދައިން ކެނޑުމަށްފަހު ނުވަތަ މައްސަރު ދުވަސްވަރު ނޫން ދުވަސްވަރުގައި ވެސް ކުރިމަތި ފަރާތުން ލޭއަތުވެދާނެ އެވެ. ޖިންސީ ގުޅުން ހިންގުމަށްފަހު ނޫނީ އިއްދައިން ކެނޑުމަށްފަހު ވެސް ކުރިމަތި ފަރާތުން ލޭއަތުވެދާނެ އެވެ. (މައްސަރު ދުވަސް ނޫންއިރު ނުވަތަ މައްސަރު ކަންތައް ޖެހުމުގެ ކުރިން ނޫނީ ދެމައްސަރު ދޭތެރޭގައި ކުރިމަތި ފަރާތުން ލޭއައުން)
ޖިންސީ ގުޅުން ހިންގުމަށްފަހު ކުރިމަތި ފަރާތުން ލޭއައިސް ތަދުވުން
ދިގުމުއްދަތަކަށް ކުރިމަތި ފަރާތުން އެއްޗެތި އައުން: މިގޮތަށް އަންނަ އެއްޗެތި ކުލަ ފަނޑުކޮށް، ދިޔާކޮށް، ފިޔާތޮށި ކުލައިގައި، މުށިކުލައިގައި، ނުވަތަ ލެޔާއެކުވެފައި ވެސް ހުރެދާނެއެވެ. އަދި ބައެއް ފަހަރު ކުލަ ގަދަކޮށް ހުރުމާއެކު ނުބައި ވަސް ދުވުން ވެސް އެކަށީގެންވެއެވެ.
ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ގިނައިން އެއްޗެހި އައުމާއެކު، ނުބައި ވަސްދުވުން (ކުރިމަތި ފަރާތުން ދިޔައައުން)
ކުރިމަތި ފަރާތުން އަންނަ އެއްޗެހީގައި ލޭކުލަ ނުވަތަ އެހެން ކުލައެއް (ފިޔާތޮށި، މުށި، ނޫނީ ރަތްކުލައިގައި) ހުރުން
އުނަގަނޑާއި، ދަށްބަނޑުގައި ރިހުން
ބަރުދަން އާދަޔާ ޚިލާފަށް ލުއިވުން
ބުރަކަށީގައި ރިހުން
ރަހިމުގެ ދޮރަށްޖެހޭ ކެންސަރުގައި ގިނަ ދުވަސްވުމުން ނުވަތަ ބަލިބޮޑުވުމުން ފެންނަ އަލާމާތްތައް
ކާހިތްނުވުން
ބަރުދަން އާދަޔާ ޚިލާފަށް ލުއިވުން
ވަރުބަލިވުން
ފައި ފޮއްސިވުން
ޅިނދުކަށިގަނޑާއި، އުނަގަނޑު، އަދި ފައިގައި ރިއްސުން
ކުރިމަތި ފަރާތުން ބޮޑުކަމުދާ ތަކެތީގެ އަސަރު ފެނުން
އިޚްތިޔާރެއްނެތި ކުޑަކަމުދެވުން
ކުޑަކަމުދާ ނިޒާމުގެ ބަލިތައް ޖެހުން އިތުރުވުން
ރަހިމުގެ ދޮރަށްޖެހޭ ކެންސަރަށް ސްކްރީންކުރުން
ކެންސަރުން ދިފާޢުވުމަށް އެޅޭ އެންމެ މުހިއްމު ފިޔަވަޅަކީ އެކެންސަރަކަށް ސްކްރީން ކުރުމެވެ. ރަހިމުގެ ދޮރަށްޖެހޭ ކެންސަރަށް ގަވާޢިދުން ސްކްރީން ކުރުމުގެ ސަބަބުން، ކެންސަރަށް ބަދަލުވުމުގެ ކުރިން، ނުވަތަ ކެންސަރުގެ ކުރީކޮޅުގައި ދެނެގަނެވިއްޖެނަމަ، ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން ފަރުވާދީ، ގިނަ ބަޔަކު މިބަލިން ސަލާމަތް ކުރެވިދާނެ އެވެ.
ރަހިމުގެ ދޮރަށްޖެހޭ ކެންސަރަށް ސްކްރީން ކުރުމުގެ ކުރެވިދާނެ ކަންތައްތައް
ޕެޕްސްމިއަރ ހެދުން
ވީ.އައި.އޭ ޓެސްޓު ހެދުން
ކޮލްޕޯސްކޮޕީގެ އެހީގައި ބަޔޮޕްސީ ހެދުން
ޕެޕްސްމިއަރ އަދި ވީއައިއޭ ޓެސްޓު ހެދުމުން ރަހިމުގެ ދޮރުގެ ކެންސަރު ހުރިވަރު، ނުވަތަ ކެންސަރަށް ބަދަލުވާން ފަށާފައިވާ ސެލްތައް ކުރީކޮޅު ދެނެގަނެވޭނެ އެވެ. އަވަހަށް ކެންސަރު ހުރިކަން ދެނެގަނެވިއްޖެނަމަ، ބަލި ރަނގަޅުކުރަން ފަސޭހަ ވާނެއެވެ.
ރަހިމުގެ ދޮރަށް ކެންސަރު ޖެހިފައިވާކަން ސާބިތުވެއްޖެނަމަ އެހެނިހެން ގުނަވަންތަކަށް ކެންސަރުގެ އަސަރު ކޮށްފައިވޭތޯ ބެލުމަށް އިތުރު ތަހުލީލުތައް ކުރަންޖެހެއެވެ. އެގޮތުން އިތުރަށް ކުރެވިދާނެ ޓެސްޓުތަކުގެ ތެރޭގައި:-
ފުއްޕާމޭގެ އެކްސްރޭ ނެގުން
މަސާނާގެ އެތެރެއަށް ކެމެރާއެއް ލައްވައިގެން ބެލުން
ފުރަގަސްފަރާތުގެ އެތެރެއަށް ކެމެރާއެއް ލައްވައިގެން ބެލުން
ރަހިމުގެ އެތެރެއަށް ކެމެރާ ލައްވައިގެން ބެލުން
ކަށްޓަށް އަސަރުކޮށްފައިވޭތޯ ބެލުމަށް އެކްސްރޭ ނެގުން
ލޭގެ ތަހުލީލުތައް
ހޭނެއްތުމަށްފަހު ސްޕެކިޔުލަމްގެ އެހީގައި ރަހިމުގެ ދޮރާއި ވަށައިގެންވާ ސަރަހައްދު ބެލުން
އެހެނިހެން ތަހުލީލުތައް
ސީޓީ ސްކޭން ހެދުން
އެމްއާރުއައި ހެދުން
ޕެޕްސްމިއަރ ހެދުން
ޕެޕްސްމިއަރ ހެދުމަކީ ރަހިމުގެ ދޮރުމަތިން މެދު މިންވަރެއްގެ ސެލް ކޮޅެއް ނެގުމަށްފަހު، އެސެލްތަކުގައި އާދަޔާ ޚިލާފު އެއްވެސް ބަދަލެއް އައިސްފައިވޭތޯ ބެލުމަށް ކުރާ ޓެސްޓެކެވެ. ޓެސްޓުކުރާއިރު ރަހިމުގެ ދޮރު ބެލުމަށް ބޭނުންކުރާ ޚާއްޞަ އާލަތެއް ބޭނުންކުރާނެ އެވެ. މިޓެސްޓު ހަދާނީ މިކަމަށް ތަމްރީނު ލިބިފައިވާ ޚާއްޞަ ޑޮކްޓަރުން ނުވަތަ ޞިއްހީ އެހީތެރިންނެވެ.
ޕެޕްސްމިއަރ ޓެސްޓު ހެދުމަށް ލަފާދެނީ ޖިންސީ ގުޅުން ހިންގާތާ 3 އަހަރުވެފައިވާ އުމުރުން 65-21 އަހަރާއި ދެމެދުގެ (އުމުރުން 65-18 އަހަރާއި ދެމެދުގެ) މީހުންނަށެވެ. އަދި މިޓެސްޓު ހެދުމަށް ލަފާދެނީ ކޮންމެ 3 އަހަރަކުން 1 ފަހަރު އެވެ. ޓެސްޓު ހެދުމަށްފަހު ޕޮޒިޓިވް ނަމަ، ވީއެންމެ އަވަހަކަށް އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކަށް ދައްކަންވާނެ އެވެ.
ވީ.އައި.އޭ ހެދުން
ވިޝުއަލް އިންސްޕެކްޝަން ވިތު އެސެޓިކް އެސިޑް(ވީ.އައި.އޭ) ޓެސްޓަކީ ރަހިމުގެ ދޮރަށް ކެންސަރު ޖެހުމުގެ ކުރިން ބަލި ދެނެގަނެވޭނެކަން ކަށަވަރުކުރެވޭ އިތުބާރުހުރި ޓެސްޓެކެވެ. މިޓެސްޓު ކޮންމެ 5 އަހަރަކުން އެއްފަހަރު ހެދުމަށް ފަންނީ މާހިރުން ލަފާދެއްވަ އެވެ. މިއީ ފީއެއް ނުނަގާ އަދި ވަގުތުން ނަތީޖާ ފޯރުކޮށްދެވޭ ޓެސްޓެކެވެ.
ވީ.އައި.އޭ އަކީ އެސެޓިކް އެސިޑް ރަހިމުގެ ދޮރުގައި އުގުޅުމަށްފަހު، ސެލްތަކަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯ ބެލުމަށް ކުރާ ޓެސްޓެކެވެ. މިއީ ވަގުތުން ނަތީޖާ ލިބޭ އަދި ވަރަށް ކުޑަ ހިނދު ކޮޅެއްގެ ތެރޭގައި ހަދާލެވޭ ފަސޭހަ ޓެސްޓެކެވެ.
ރަހިމުގެ ދޮރަށްޖެހޭ ކެންސަރަށް ދެވޭ ފަރުވާ
ރަހިމުގެ ދޮރަށްޖެހޭ ކެންސަރަށް ދެވޭ ފަރުވާ ބިނާވެގެންވަނީ ބަލީގެ މަރުހަލާ އަށެވެ. މިކެންސަރުގެ 4 މަރުހަލާއެއް ވެއެވެ. އެއީ ފުރަތަމަ، ދެވަނަ، ތިންވަނަ، އަދި ހަތަރުވަނަ މަރުހަލާ އެވެ. އެކި މަރުހަލާތަކުގައި ދެވޭ ފަރުވާ ތަފާތު ވާނެއެވެ. މިބަލީގެ ނުރައްކާތެރިކަން ފެށެނީ ދެވަނަ މަރުހަލާ އާއި ހިސާބުންނެވެ. އެއީ ރަހިމުގެ ދޮރުން ބޭރަށް ކެންސަރުގެ އަސަރުކުރަން ފަށާ ހިސާބެވެ. ހަތަރުވަނަ މަރުހަލާގައި އެހެނިހެން ގުނަވަންތަކަށް މިކެންސަރުގެ އަސަރުކޮށް، ދާދި ކުރުމުއްދަތެއްގައި ހާލުބޮޑު ވެއެވެ. ރަހިމުގެ ދޮރަށްޖެހޭ ކެންސަރުގެ މަރުހަލާ މަތިވާ ވަރަކަށް މިބަލި ރަނގަޅުކުރުމަށް އޮންނަ އުއްމީދު ކުޑަވެއެވެ.
އާންމުކޮށް ދެވޭ ފަރުވާތައް
ކްރަޔޯތެރަޕީ ދިނުން
ރޭޑިއޭޝަން ތެރަޕީ ދިނުން
އޮޕަރޭޝަންކޮށްގެން ރަހިމުގެ ދޮރު ނުވަތަ ރަހިމުގެ ދޮރާއި، ރަހިމުނެގުން
ކީމޯތެރަޕީ ދިނުން
ޕޭލިއޭޓިވް ކެއަރ ދިނުން: ޕޭލިއޭޓިވް ކެއަރ އަކީ ބަލި ފަސޭހަވުމުގެ އުއްމީދު ގެއްލިފައިވާ މީހުންނަށް ދެވޭ އެހީ އެވެ. މިސާލަކަށް ތަދުކުޑަކޮށް އަރާމުކޮށްދިނުމަށް ބޭސް ދެވިދާނެ އެވެ.
ރަހިމުގެ ދޮރަށްޖެހޭ ކެންސަރުން ރައްކާތެރިވުން
އުމުރުން 9 އަހަރުން މަތީގެ ހުރިހާ އަންހެންކުދިންނަށް (މައްސަރު ކަންތައް ޖެހުމުގެ ކުރިން) އެޗްޕީވީ ވެކްސިން ދިނުން: އާންމު ގޮތެއްގައި އެޗްޕީވީ ވެކްސިން ދެނީ އުމުރުން 9 އަހަރާއި 25 އަހަރާއި ދެމެދުގެ އަންހެންކުދިންނާއި، މީހުންނަށެވެ.
އަހަރަކު 1 ފަހަރު އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކަށް ދައްކައިގެން “ގައިނީ ޗެކަޕް” ހެދުން
ކޮންމެ 3 އަހަރުން 1 ފަހަރު ޕެޕްސްމިއަރ ހެދުން (65-21 އަހަރާއި ދެމެދުގެ މީހުން)
ކޮންމެ 5 އަހަރުން 1 ފަހަރު ވީއައިއޭ ހެދުން (50-30 އަހަރާއި ދެމެދުގެ މީހުން)
ރަހިމުގެ ދޮރަށް ކެންސަރު ޖެހުމަށް މަގުފަހިވާ ސަބަބުތަކާ ދުރުހެލިވުން
ރަހިމުގެ ދޮރަށްޖެހޭ ކެންސަރަށް ގަވާޢިދުން ސްކްރީންކުރުން
ޞިއްހީ ރަނގަޅު އާދަތަކުގެ މައްޗަށް ދިރިއުޅުން ބައްޓަންކުރުން
ސާފުތާހިރުކޮށްހުރުން
ނިދި ހަމަކުރުން
ތަރުކާރީއާއި މޭވާގެ ބާވަތްތައް ކެއުން އިތުރުކުރުން
ތައްޔާރީކާނާ ކެއުން މަދުކުރުން
ގަވާއިދުން ކަސްރަތުކޮށް، ހެލިފެލިވެއުޅުން
ދުންފަތުގެ އިސްތިއުމާލުކުރުމާއި، ދުންފަތުގެ ދުމާއި ދުރުހެލިވުން
އެއްވެސް ކަހަލަ އިންފެކްޝަނެއް (ޚާއްޞަކޮށް ކުރިމަތި ފަރާތަށް ދިމާވާ އިންފެކްޝަންތައް މިސާލަކަށް ޖިންސީގުޅުމުން އަރާ ބަލިތައް) ދިމާވެފައިވާނަމަ އެކަމަށް ފަރުވާކުރުން
ވިޓަމިން އީ، ނުވަތަ ވިޓަމިން ސީ، ފަދަ އެންޓިއޮކްސިޑެންޓެއް ބޭނުންކުރުން
ގައިގައިލާ ސާބޯނިފަދަ ތަކެތި ކެމިކަލް މަދު އެއްޗިއްސަށް ބަދަލުކުރުން
މައުލޫމާތު:
ކެންސަރު ދެނެގަންނާނީ ކިހިނެއް؟ – މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ – 2005
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ޔޫއެންއެފްޕީއޭ ގުޅިގެން ނެރެފައިވާ “ރަހިމުގެ ދޮރަށްޖެހޭ ކެންސަރ” ލީފްލެޓް – 2003
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ޔޫއެންއެފްޕީއޭ ގުޅިގެން ނެރެފައިވާ “ރަހިމުގެ ދޮރަށްޖެހޭ ކެންސަރ – ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ޖެހިފައިވާ މީހުންނަށް ދެވޭ ފަރުވާ” ލީފްލެޓް – 2003
ސާރވިކަލް ކެންސަރު – ލީފްލެޓް – ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް
ކެންސަރު ދެނެގަންނާނެ އަލާމާތްތައް – ފްލެއަރ – ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް

ލިޔުނީ ޑރ. ޢަބްދުލްޢަޒީޒް ޙަމީދު
މަސްދަރު : ހާމިމް ޑޮޓްކޮމް

Source link

Copyright © Faseha All rights reserved