Faseha

Faseha Community

ނަމާދު ވަގުތަށް ޖަލްސާ މެދުކަނޑާނުލާތީ މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފި

1 min read

ރައްޔިތުންގެ މަޖިލީހުގެ ރައީސް މައްޗަންގޮޅި މެދުދާރިރާގެ މެންބަރު މުހައްމަދު ނަޝީދު މަޖިލިހުގެ ޖަލްސާތައް މެދުކަނޑާނުލައި ކުރިއަށް ގެންދަވާތީ އާއި ނަމާދު ވަގުތަށް މެދުކަނޑާނުލާތީ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ފެށީ ހެނދުނު 10:00 ގައެވެ. ޖަލްސާ މެދުކަނޑާނުލައްވައި މަޖިލިހުގެ ރައީސް ވަނީ ގިނައިރުތަކެއް ވަންދެން މަޖިލިސް ކުރިއަށް ގެންދަވާފައެވެ. އަދި މަޖިލީހުގެ ޖަލްސާގެ ތެރެއިން މެމްބަރަކު ނަމާދު ވަގުތު ހަނދާން ކޮށްދިނުުމުން ނިޒާމީ މައްސަލައަކަށް އެކަން ނުބަލާ، ޖަލްސާތައް ނަމާދު ވަގުތަށް މެދު ކަނޑާލަން މީގެ ކުރިން އަމަލު ކުރާ އުސޫލަށް މިއަދު އަމަލު ކުރައްވާފައެއް ނުވެއެވެ.
ނަމާދު ވަގުތަށް މެދުކަނޑާނުލާތީ ޕީޕީއެމް އަދި އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ކަންބޮޑުވުން ފާޅުކުރެއްވިއިރު މިކަމާއި ގުޅިގެން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ މެމްބަރުން ބޭނުން އިރެއްގައި، މަޖިލިސްކުރާ މާލަމުން ބޭރަށް ވަޑައިގަތުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މަޖިލިސް މެދުކަނޑާނުލައި ގިނަ ވަގުތު ކުރިއަށް ގެންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވާހަކަދެއްކެވިއިރު މަޖިލިހުގެ ގަވައިދުގައި އޮންނަ ގޮތުން ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް ބަހުސްގައި ބައިވެރިވެ ވަޑައެއް ނުގެންނެވޭނެވޭއިރު ރައީސް ނަޝީދު ބަހުސްގައި ބައިވެރިވާތީވެސް އިދިކޮޅުމެންބަރުން ވަނީ ހިންހަމަނުޖެހުން ފާޅުކޮށްފައެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް މެމްބަރުންގެ ކަންބޮޑުވުމަކީ ޖޭއެސްސީ އަށް މެމްބަރަކު އައްޔަން ކުރުމާ ބެހޭ ގޮތުން ކުރި ބަހުސާއި އެހެން ކަންކަމުގައި ފެނިވަޑައިގަންނަވާ ހިޔާލުތައް ނަޝީދު ދެއްވުމެވެ.
އެގޮތުން އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ މަޖިލިހުގައި މެމްބަރުން ކުރައްވަމުން އަންނަ ބަހުސްތަކުގައި ނަޝީދަށް ބައިވެރިވެ ވަޑައިނުގެންނެވޭނެ ކަމަށެވެ. އިދިކޮޅު ފަރާތްތަކަށް ރައްދުދީ މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ރައީސް ނަޝީދު މަޖިލިސް ހިންގަވަނީ އެންމެ ރީތި ގޮތަށް ކަމަށާއި ކުރިން ޕްރެކްޓިސް ކުރި ގޮތަށް އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާގޮތަށް ކަމަށެވެ.

Source link

Copyright © Faseha All rights reserved