Faseha

Faseha Community

ހުނި ގުޅަ

1 min read

 

މި ފަހަރު މިއޮތީ ކުލަކުލައިގައި ތައްޔާރު ކޮށްލެވޭ އަދި ފޮނިވެފައި އެހާމެ މީރު ހުނި ގުޅައެވެ. އަހަރުމެން މި ރެސިޕީގައި ބޭނުން ކުރީ ހުންޏެވެ. ނަމަވެސް ގަބުޅި ބޭނުން ކޮށްފިނަމަ ގުޅަތައް އިތުރަށް މަޑުވެފައި މާ ބޮޑަށް މީރު ވާނެކަމަށް މީހުން ބުނެ އުޅެއެވެ.

 

މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 14 ހުނި ގުޅައެވެ.

 

ބޭނުންވާ ތަކެތި:

1 ޖޯޑު ހުނި

½ ޖޯޑު ހަކުރު

1 މޭޒުމަތީ ސަމުސާ ފުށް

3 އިންޗީގެ ރާނބާ ފަތް

3 މޭޒުމަތީ ސަމުސާ ފިނިފެން (ރޯޒް ވޯޓަރ)

2-3 ތިކި ކާކުލަ

 

ހަދާނެ ގޮތް:

1. ހަކުރު، ހުނި، ފިނިފެން އަދި ރާނބާ ފަތް ތެއްޔަކަށް އަޅާށެވެ.

2. ތެލި އުނދުން މައްޗަށް އުދައި މަޑު ގިނީގައި ބަހައްޓައިގެން އަދި ހުއްޓާނުލާ ގިރަމުން ހުނިކޮޅު މަޑުވެ ހަކުރު ކޮޅު ރަނގަޅަށް ވިރެންދެން ކައްކާށެވެ. ރަނގަޅަށް ކެކުނީމައި ތަކެތި ހުންނާނީ ތެލީގެ މެދަށް އެއްވެފައެވެ. އަދި އެއިރުން ތެލީގެ އަރިމަތި ތަކުގައި ހިފުންވެސް ހުންނާނީ ހުއްޓިފައެވެ.

3. ރާނބާ ފަތް ތެލިން ނަގާށެވެ. ދެން ފުށާއި ކާކުލަ އަޅައި ރަނގަޅަށް އެއްކުރާށެވެ. ފުށް މާގިނައިން އަޅައިފިއްޔާ ގުޅަތައް ހަރުވާ ގޮތް ވާނެއެވެ. އެހެންވީމާ މޭޒުމަތީ ސަމުސަލެއްގެ ފުށް އަޅާއިރު ފުށް ނަގަން ބޭނުން ކުރާ ސަމުސަލުގެ ތެރޭގައި ފުށް ހުންނަންވާނީ ފުންޏަކަށް ނޫނެވެ. އޭގެ ބަދަލުގައި އުސްމިން ހުންނަންވާނީ ސަމުސަލުގެ އަރިމަތި ފަރާތާއި ގާތްގަނޑަކަށް އެއްވަރުވާ ވަރަށެވެ.

4. ފުށާއި ކާކުލަ އެހެން ތަކެއްޗާއި ރަނގަޅަށް އެއްވުމުން އަވަހަށް އުނދުން ނިވާލާއި ތެލީގައިވާ ތަކެތި ބޯތަށްޓަކަށް ނަގާށެވެ.

5. އިނގިލިތައް ބޭނުން ކޮށްގެން ބޭނުން ސައިޒަކަށް ގުޅަ ވަށާށެވެ. ގުޅަ ވަށަން ވާނީ ތެލިން ނެގި ތަކެތި ހޫނުކޮށް ހުއްޓައެވެ. އެހެންނޫނީ އެ ވަރަށް އަވަހަށް ހަރުވެ ގުޅަ ވަށަން އުނދަގޫ ވާނެއެވެ.

އިތުރު ރެސިޕީތައް

Source link

އިތުރު ލިޔުންތަށް

Copyright © Faseha All rights reserved